ބަނގުރާ ބޮއެގެން ހުރެ ފުލުހަކަށް ހަމަލާދީ އަދި މީހުންނަށް މަރުގެ އިންޒާރުދިން މައްސަލައިގައި ހއ. އިހަވަންދޫ، ނެދުންގެ، އާމިރު އަބްދުއްރަޝީދުގެ މައްޗަށް ސާބިތުވި ތިން ކުށަކަށް ޖުމްލަ 27،950 ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން އަންގާރަ ދުވަހު އިއްވައިފިއެވެ.
އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މޫސާ އިބްރާހީމް ނިންމެވި މި މައްސަލަތަކަކީ 12 އޯގަސްޓް 2024 ގައި ހއ. އިހަވަންދޫ ފިނިރޯޅިގޭގައި ހިނގި ހާދިސާއަކާ ގުޅިގެން ދައުލަތުން އުފުލި ދައުވާތަކެކެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، އެ ދުވަހުގެ 15:50 އެހައިކަންހާއިރު ފުލުހުން އެގެއަށް ދިޔައިރު އާމިރު އޮތީ މަސްތުގެ ހާލަތުގައި އެގޭގެ ފެންޑާ ތެރެއަށް ވެއްޓިފައެވެ. ފުލުހުން އޭނާއަށް ގޮވައި ސެންޓަރަށް ދިއުމަށް އެންގުމުން، ކުއްލިއަކަށް ކޮޅަށް ތެދުވެ ފުލުހުންނަށް ދެކޮޅުވެރިކަން ދައްކައި، އެގޭތެރޭގައި ތިބި މީހުންނާ ދިމާއަށް ހަޅޭލަވައި އަވަގުރާނަ ގޮވަން ފެށިއެވެ.
އޭނާ ކޮންޓްރޯލްކުރަން ފުލުހުން މަސައްކަތްކުރުމުން، ފުލުހެއްގެ ކަނާތްފަރާތު ކަނދުރާމަތީގައި ކަނާތުން ޖެހުމަށްފަހު، އެ ފުލުސް މީހާގެ ވާތުފައިގެ ކަށިމަތީގައި ކޮޅުފައިން ފަސް ވަރަކަށް ފަހަރު ޖެހިކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އެގޭގައި ތިބި މީހުންނަށް ހަމަލާދޭން މަސައްކަތްކޮށް، މަރާލާނެ ކަމަށާއި ކޮށާލާނެ ކަމަށާއި ދުއްވާލާނެ ކަމަށް ބުނެ އިންޒާރުދިނެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރުމުން ފުލުހުންނަށްވެސް މަރާލާނެ ކަމަށް ބުނެ އޭނާ ވަނީ އިންޒާރުދީފައެވެ.
މި މައްސަލައިގައި އާމިރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، އިބްތިދާއީ އަޑުއެހުމާއި އަވަސްނިޔާގެ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން ކޯޓުން މައްސަލަ ނިންމާފައިވަނީ އަވަސްނިޔާގެ އުސޫލުންނެވެ. ސާބިތުވި ކުށްތަކުގެ ތެރެއިން ބަނގުރާ ބުއިމުގެ ކުށަށް 450 ރުފިޔާގެ ޖޫރިމަނާއެއް އައިސްފައިވާއިރު، ގައިގައި އަތްލުމުގެ ކުށުގެ ދައުވާގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި 26،600 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށަށް 900 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ.
މި ތިން މައްސަލައިގައިވެސް ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބު ކަނޑައަޅާފައިވަނީ ދައުލަތާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމަށް ރިއާޔަތްކޮށް، ގާނޫނުލްއުގޫބާތުގެ 1002 ވަނަ މާއްދާއާއި 1005 ވަނަ މާއްދާގެ ދަށުންނެވެ. ކޯޓުގެ ހުކުމުގައި އަންގާފައިވަނީ ބަނގުރާ ބުއިމުގެ ކުށާއި ބިރުދެއްކުމުގެ ކުށުގެ ޖޫރިމަނާ ފައިސާ މި މަހުގެ 30 ގެ ކުރިން މީރާއަށް ދެއްކުމަށެވެ. އަދި ފުލުހަކަށް ހަމަލާދިން މައްސަލައިގެ ޖޫރިމަނާ ފައިސާ 31 މާރިޗު 2027 ގެ ކުރިން ދައްކައި ހަލާސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.