މިއަހަރުގެ "ސުޕަ އެލްނީނޯ" ގެ ސަބަބުން އުފެދޭ އާދަޔާހިލާފު ހޫނުމިނުގެ ސަބަބުން، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 451،000 މީހުން މަރުވެދާނެ ކަމަށް، ޔުނިވާސިޓީ އޮފް ޝިކާގޯގެ ކްލައިމެޓް އިމްޕެކްޓް ލެބުން ބުނެފިއެވެ.
އެ ލެބުން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އާންމު އަހަރުތަކާ އަޅައިބަލާއިރު އާދަޔާހިލާފަށް ހޫނުގަދަ ދުވަސްތަކުގެ އަދަދު 44 އިންސައްތަ އިތުރުވާނެއެވެ. މި އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް، ހޫނުމިނުގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވާނެ ކަމަށް ލަފާކޮށްފައިވަނީ ނައިޖީރިއާއިންނެވެ. އެ ގައުމުން 31،400 މީހުން މަރުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން މަރުވާނެ ކަމަށް ލަފާކުރާ އިންޑޮނޭޝިއާއިން 19،300 މީހުން އަދި ސޫދާނުން 17،600 މީހުން މަރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، އެފްރިކާގެ ސާހެލް ސަރަހައްދުގައި ހިމެނޭ ނައިޖަރާއި ޗާޑުގެ އިތުރުން ނައިޖީރިއާއާއި ސޫދާނުން އިތުރު 66،800 މީހުން މަރުވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. އަދި ފިލިޕީންސާއި ވިއެޓްނާމާއި ތައިލެންޑުގެ އިތުރުން ކެމްބޯޑިއާއިން ޖުމްލަ 19،400 މީހުން މަރުވާނެ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެލްނީނޯގެ އަސަރު އަންނަ އަހަރުގެ ފަހުކޮޅަށް ދެމިގެންގޮސްފިނަމަ، މަރުވާ މީހުންގެ އަދަދު މިއަށްވުރެ އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ކްލައިމެޓް އިމްޕެކްޓް ލެބުން ފާހަގަކުރެއެވެ. ޚާއްސަކޮށް އުތުރު އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑިއާއާއި ޕާކިސްތާނަށް ހޫނު މޫސުމުގައި މިކަމުގެ ނުރައްކާ ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެ ލެބުން ސިފަކުރާ ގޮތުގައި މި އަހަރުގެ އެލްނީނޯއަކީ "މުސްތަގުބަލުން ފޮނުވާފައިވާ ޕޯސްޓްކާޑެއް" ފަދަ ކަމެކެވެ. އަދި ކުރިއަށް އޮތް މަދު ދިހަ އަހަރުތަކެއްގެ ތެރޭގައި މި ހޫނުމިނަކީ އާންމު ކަމަކަށް ވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކުރިއަށް އޮތް މަސްތަކުގައި ހޫނުމިނުގެ ސަބަބުން މީހުން މަރުވުން މަދުކުރުމަށްޓަކައި، އެންމެ ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ކުއްލި ފިޔަވަޅުތައް އެޅުމަށް އެ ރިޕޯޓުގައި ގޮވާލާފައިވެއެވެ. ޔުނިވާސިޓީ އޮފް ޝިކާގޯގެ އިގްތިސާދީ މާހިރު އަދި ކްލައިމެޓް އިމްޕެކްޓް ލެބްގެ ކޯ ފައުންޑާ މައިކަލް ގްރީންސްޓޯން ވިދާޅުވި ގޮތުގައި، މި ރިޕޯޓުގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުއްލި ފިޔަވަޅުތައް އަޅަންވީ ސަރަހައްދުތައް ނިންމުންތައް ނިންމާ ފަރާތްތަކަށް ސާފުވެގެންދާނެއެވެ.