ސައުދީއަކީ ރާއްޖޭގެ، އިތުބާރު ހިފޭ ގާތް އެކުވެރިއެއް، އިތުރަށް ގުޅުން ބަދަހިކުރަން ބޭނުން: ރައީސް

ރައީސް ޑރ. މުއިއްޒު، ސައުދީގެ ޚާރިޖީ ވަޒީރާއެކު -- ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ ވަރަށް ޚާއްސަ އަދި އިތުބާރު ހިފޭ ގާތް އެކުވެރި ގައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށާއި، ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަަބްދުލްއަޒީޒް އާލް-ސައޫޫދަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައެވެ.

އެ ސިޓީފުޅުތަކުގައި ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ ހިއްސާކުރާ އިސްލާމީ އަގުތަކާއި، މުޅި އިސްލާމީ އުންމަތުގެ ލާބަޔާއި އެއްބައިވަންތަކަމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. އަދި މި ގުޅުން ދަނީ ދެ ގައުމުގެ ދެމެދު އޮތް އިހްތިރާމާއި އެއްބާރުލުމާއެކު އިތުރަށް ބަދަހިވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާވެ، ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ދެމެހެއްޓެނިވި ފައިދާތައް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް އިންވެސްޓްކުރުމުގެ ތެރެއިން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ފުޅާކުރުމަށް އުންމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސައުދީގެ ރަސްގެފާނަށާއި ވަލީއަހްދަށް ދުޅަހެޔޮ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން، ރައީސް ވަނީ ސައުދީގެ ރައްޔިތުންނަށް ސުލްހައާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް