ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް 5 އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީގެ މައްޗަށް އިއްވާފައިވާ ހަތް އަހަރުގެ ޖަލު ހުކުމް، ފަސް އަހަރަށް ކުޑަކުރަން އެ ގައުމުގެ އިސްތިއުނާފީ ކޯޓުން މިއަދު ނިންމައިފިއެވެ.

ޔޮންހަޕް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސޯލް ހައި ކޯޓުން މިގޮތަށް ނިންމީ ކިމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. މި މައްސަލައިގައި ދައުލަތުގެ ފަރާތުން ވެސް ވަނީ ކޯޓުގެ ނިންމުން ދިރާސާކުރުމަށްފަހު ސުޕްރީމް ކޯޓަށް ދިއުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ.

ކިމްގެ މައްޗަށް ކުށް ސާބިތުވެފައިވަނީ، އޭނާގެ ފިރިކަލުންގެ ރިޔާސީ ދައުރުގައި ސިޔާސީ މަންފާތަކެއް އަދި ސަރުކާރުގެ ވަޒީފާތަކެއް ހޯދައިދިނުމުގެ ބަދަލެއްގެ ގޮތުން އަގުބޮޑު ހަދިޔާތަކެއް ގަބޫލުކުރި ކަމަށް ބުނާ ރިޝްވަތުގެ މައްސަލައެއްގައެވެ. މީގެ ތެރޭގައި ޑިއޯ ބްރޭންޑުގެ ދަބަހަކާއި، އަގުބޮޑު ގަޑިއެއްގެ އިތުރުން ކުރެހުންތަކެއް ހިމެނެއެވެ.

މިދިޔަ ޖޫން މަހު ދަށު ކޯޓުން ވަނީ މި މައްސަލައިގައި އޭނާގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައި، 64.8 މިލިއަން ވޮން ދައުލަތަށް ނެގުމަށް އަމުރުކޮށްފައެވެ. ނަމަވެސް އިސްތިއުނާފީ ކޯޓުން ވަނީ ބައެއް ދައުވާތަކުން އޭނާ ސަލާމަތްކޮށް، ދައުލަތަށް ނަގަންޖެހޭ ފައިސާގެ އަދަދު 24.4 މިލިއަން ވޮންއަށް ކުޑަކޮށްފައެވެ.

ކިމްގެ ގާނޫނީ ވަކީލުން ބުނި ގޮތުގައި، ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭތީ ބާކީ ހުރި ދައުވާތަކުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެއެވެ.

ކިމްގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް ވަނީ ޑިސެންބަރު 2024 ގައި ކުއްލި ގޮތަކަށް އިއުލާންކުރި މާޝަލް ލޯއާ ގުޅިގެން މަގާމުން ދުރުކޮށްފައެވެ. އެންމެ ހަ ގަޑިއިރަށް ދެމިއޮތް މި މާޝަލް ލޯގެ ދަށުން، ގާނޫނުހަދާ މަޖިލީހުގެ ކޮންޓްރޯލް ނެގުމަށް ޔޫން ވަނީ ސިފައިން ފޮނުވާފައެވެ. އެއަށްފަހު، ބަގާވާތް ކުރުމުގެ ކުށް ސާބިތުވެ، މިދިޔަ ފެބްރުއަރީގައި ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ވަނީ ޔޫންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މިއީ ދެކުނު ކޮރެއާގެ ޑިމޮކްރެޓިކް ތާރީހުގައި ރައީސްކަން ކުރެއްވި ބޭފުޅަކަށް މިހާ ހަރުކަށި އަދަބެއް ދިން ފުރަތަމަ ފަހަރެވެ. ޔޫންގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ނުކުރާނެ ކަމަށް އޭނާގެ ވަކީލުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް