ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު މިއަދުން ފެށިގެން 22 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މިއީ މަސް ކިލޯއެއްގެ އަގު 21 ރުފިޔާގައި ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު އެ ކުންފުނިން ގެނައި ބަދަލެކެވެ.
މި ބަދަލާ ގުޅޭގޮތުން މިފްކޯގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އަގަށް މި ބަދަލު ގެނައީ މިވަގުތު މަސްވެރިކަން ހުރި ގޮތާއި ބައިނަލްއަގުވާމީ އަދި އެތެރޭގެ މާރުކޭޓުގައި މަހުގެ އަގުތައް ހުރި ގޮތަށް ރިއާޔަތްކޮށް ކަމަށެވެ.
އަދި މިފަދައިން އަގުތަކަށް ބަދަލު ގެންނަނީ މަސްވެރިންނަށާއި ކުންފުންޏަށް ވެސް އެންމެ ފައިދާހުރި ގޮތަށް ބަލައިގެން ކަމަށާއި، މި ބަދަލަކީ މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ޑިމާންޑާއި ސަޕްލައި އޮތް މިންވަރާ ގުޅުވައިގެން ގެނައި ބަދަލެއް ކަމަށްވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.
މިފްކޯއަށް މިއަދު އަގަށް ގެނައިބަދަލުތައް......"މި ބަދަލަކީ މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ޑިމާންޑާއި ސަޕްލައި އޮތް މިންވަރާ ގުޅުވައި ގެނައި ބަދަލެއް. މިއީ އާންމު މަސްވެރިންނަށް އިންސާފުވެރި ބަދަލަކާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅޭ ބަދަލެއް. މިއަދުން ފެށިގެން އެހެން ރޭޓެއް ކަނޑައެޅެންދެން އޮންނާނީ މި [22 ރުފިޔާގެ] ރޭޓް." މިފްކޯއިން މައުލޫމާތު ދިނެވެ.
މިފްކޯގެ އެކި ބަނދަރުތަކުގައި މަސް ގަންނަ ރޭޓްތަކަށް ބަލާއިރު، ހުރިހާ ސަރަޙައްދެއްގައި ވެސް މަސް ގަންނަނީ އެއް އަގުތަކެއްގައެވެ. މީގެ ތެރޭގައި ފެލިވަރު، ކޫއްޑޫ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ގދ. ތިނަދޫ، ހއ. އިހަވަންދޫ، ކ. ކަނޑުއޮތްގިރި އަދި މ. މުލަކު ބަނދަރު ހިމެނެއެވެ.
އެގޮތުން ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަމަސް ކިލޯއެއް މިއަދުން ފެށިގެން 22.00 ރުފިޔާއަށް ގަންނައިރު، 10 އާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 20.00 ރުފިޔާއަށެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25.00 ރުފިޔާގެ މަގުންނެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިހާރު މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ސިޔާސަތު ވެސް ދަނީ ތަންފީޒުކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގައި ހިފެހެއްޓުން ކަމަށެވެ.