ކުށްވެރިކުރުމުގެ ކުރިން އޯގާތެރިކަން އިސްކުރުން

އެކުގައި ހޭދަކުރާނެ އުފާވެރިކަން އިހުސާސްކުރެވޭ ތަޖުރިބާތަކަކީ ކޮންމެ ދުވަހެއްގެވެސް އާއިލާގެ ތާވަލުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަމާތޯއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަހުން އާންމުވި އެއް ޚަބަރަކީ ޢުމުރުން ދުވަސްވީ މީހަކު، ދިރިއުޅެމުންދިޔަ ދަތި ހާލަތުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ހާދިސާގެ ވާހަކައެވެ.

ނޫސްތަކާއި ސޯޝަލްމީޑިޔާގައި ދައުރުވަމުންދިޔަ ވާހަކަތަކާ ގުޅިގެން އަޅުގަނޑުގެ ހިތުގައި އުފެދުނީ ހަމައެކަނި އެބައްޕައަށް ޖެހުނު ހާލާމެދު އޮތް ކަންބޮޑުވުމެއް ނޫނެވެ. މިފަދަ ނާޒުކު ހާލަތްތަކާ ކުރިމަތިވާ ފަރާތްތަކާމެދު އަޅުގަނޑުމެންގެ މުޖުތަމަޢުން ވާހަކަދައްކާ ގޮތާމެދު އުފެދުނު ކަންބޮޑުވުމެއް ވެސް މެއެވެ.

މި ޚަބަރު ފެންމަތިވުމާއެކު، މުޅި މައްސަލަ ބަދަލުވެގެން ދިޔައީ ކުށްވެރިކުރުމުގެ ދައުރާއަކަށެވެ. މީޑިއާތަކުގެ ސުރުޚީތައް އަމާޒުވީ އޭނާގެ ދަރިންނަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސުވާލުތައް އުފެދި، ޢުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުންދާ މީހަކު މިފަދަ ނިކަމެތި ހާލެއްގައި އެތައް ދުވަހެއް ވަންދެން ދޫކޮށްލެވިފައި ހުރީތީ ޢާންމުންގެ ރުޅިވެރިކަން ފަޅައިގެން ދިޔައެވެ.

ނަމަވެސް، މި ހުރިހާ ވާހަކައެއްގެ ތެރެއިން އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ ހަގީގަތެއް އެބައޮތްކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އެއީ، އަޅުގަނޑުމެންނަށް މުޅި މައްސަލައިގެ ހުރިހާ ހަގީގަތެއް ނޭނގޭ ކަމެވެ.

އޭނާގެ ދަރިން އަޅާނުލާ ކަމަށް ބުނެ ދެކެވުނު ވާހަކަތަކާއި، އިހުމާލުވުމުގެ ތުހުމަތުތަކަކީ ބަލާ އޮޅުންފިލުވަންޖެހޭ ކަންކަމެވެ. ކަމާބެހޭ ފަރާތްތަކުންނެވެ. އޭގެ އެފުށްމިފުށް ބަލާ، އަޅާލުމުގެ އިންތިޒާމުތައް ތަރުތީބު ކުރެވޭނީ ކިހިނެތްތޯ ބެލުމުގެ ނަޒަރިއްޔާއަކުންނެވެ. އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރާނެ ނިޒާމު ފުރިހަމަކުރާނެ ގޮތުގެ ވިސްނުމަކުންނެވެ.

ވިސްނާލުމަކާނުލާ އެޅުވޭ ތުހުމަތަކީ، ނުވަތަ ނޫހެއްގެ ސުރުޚީއަކީ، ނުވަތަ މީސްމީޑިއާގައި ފާޅުކުރާ ރުޅިވެރިކަމަކީ ޢާއިލާއެއްގެ ހަގީގީ ހާލަތު ފުރިހަމައަށް ދެނެގަތުމަށް އޮތް ގޮތްކަމުގައި ވެގެން ނުވާނެއެވެ. ޢާއިލީ ގުޅުންތަކަކީ ވަރަށް ހައްސާސް، "ކޮމްޕްލެކްސް" އަދި ސުރުޚީއަކުން ސާފުކޮށްދެވޭނެ ކަމަކަށް ނުވާތީއެވެ.

ފަގީރުކަމާއި ބަލިމަޑުކަމާއި ނުކުޅެދުންތެރިކަމާއި ބަލިމީހުން ބެލެހެއްޓުމުގައި ވަރުބަލިވެ ގޮތްހުސްވުމާއި، ޖީލުތަކަކަށް ދެމިގެންގޮސްފައިވާ ހިތްދަތި ތަޖުރިބާތަކަކީ ދުރުގައިތިބޭ ބަޔަކަށް ޙުކުމް ކުރެވޭނެ ކަންކަމެއް ނޫނެވެ. ހަގީގަތުގައި އިހުމާލެއް ވާނަމަ، އެކަމަށް ޤާނޫނީ އަދި އިޖުތިމާޢީ ގޮތުން ފިޔަވަޅު އަޅަންޖެހޭނެއެވެ. އެކަމަކު ހަމައެކަނި ކުށްވެރިއަކު ހޯދުމުގެ ގޮތަކުން ނޫނެވެ.

އަޅުގަނޑުމެން މިއަދު ކުރަންވީ އެންމެ މުހިންމު ސުވާލަކީ: ޢުމުރުން ދުވަސްވީ މީހަކަށް، އިންސާނީ ކަރާމާތާއެކު ދިރިއުޅުމުގެ ބާކީ ދުވަސްތައް ވޭތުކުރުމަށްޓަކައި – އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، މުޖުތަމަޢުގެ ފެންވަރުގައި ހުރި ވިޔަނުދިނުމުގެ ނުވަތަ ޕްރިވެންޝަން މެކެނިޒަމްތަކަކީ ކޮބައިތޯއެވެ. ނިޒާމު މަސައްކަތް ނުކުރި ސަބަބުތައް ނައްތާލާ، ހަރުދަނާކުރުމަށް އަޅަންވީ ކޮން ފިޔަފަޅުތަކެއްތޯ އެވެ.

ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ފަރުވާ ފޯރުކޮށްދިނުމަށާއި ހާލަތު ދެނެގަތުމަށްޓަކައި މީހަކު ވަގުތީ ގޮތުން މަރުކަޒަކަށް ގެންދިއުމަކީ ބައެއް ހާލަތްތަކުގައި ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް އެންމެ އިސް ލަނޑުދަނޑިއަކަށް ވާންވާނީ، އެމީހަކު އެމީހެއްގެ ޢާއިލާ ނުވަތަ މުޖުތަމަޢުގެ ތެރޭގައި، ބޭނުންވާ އެހީތެރިކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗް.ޕީ.އެސް.އެން) ގެ އިންތިޒާމުތަކުން ވެސް ފެންނަނީ އެ މިސްރާބެވެ. އެ މަރުކަޒުގެ އަމާޒަކީ މީހުން އަނބުރާ މުޖުތަމަޢަށް ރުޖޫޢަކުރުމާއި، އަމިއްލައަށް އުޅުމަށް މަގުފަހިކޮށްދިނުމާއި، އަދި އެނބުރި ދާ ފަރާތްތައް ބަލައިގަތުމަށް ޢާއިލާތައް ތައްޔާރުކުރުމެވެ.

އަޅުގަނޑުމެންގެ ސުވާލަކަށް ވާންވީ ހަމައެކަނި "ދަރިން ކީއްވެގެންތޯ ނުބެލީ؟" މިއެއް ނޫނެވެ.

އަޅުގަނޑުމެން އަހަންވީ: އެ ދަރިންނަށް އެހީތެރިކަން ބޭނުންވި ހެއްޔެވެ؟ އެ ޢާއިލާއަށް އެހީވާނެ އިޖުތިމާޢީ އެހީތެރިއަކު (ސޯޝަލް ވާރކަރަކު) ހުރި ހެއްޔެވެ؟ ގޭގައި ބެލެހެއްޓޭނެ ނިޒާމެއް އޮތް ހެއްޔެވެ؟ ދުވަހުން ދުވަހަށް ހާލު ބަލާލާނެ މީހަކު ހުރި ހެއްޔެވެ؟ މައްސަލަ މި ހިސާބަށް ދިޔުމުގެ ކުރިން ރަށު ކައުންސިލާއި ސަރުކާރާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކުރި ހެއްޔެވެ؟

މިއީ އިޖުތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަމާ ގުޅޭ ސުވާލުތަކެވެ. ދަރިންގެ ހެޔޮއެދުން އޮވެމެ، މާލީ ތަނަވަސްކަން ނެތިގެން އެކަން ނުކުރެވޭނަމަ އެ ޢާއިލާއަށް މާލީ އެހީތެރިކަން ބޭނުންވާނެއެވެ. ބަލަހައްޓާނެ ހުނަރާއި ތަމްރީނު ނެތްނަމަ އެކަން ދަސްކޮށްދޭންޖެހޭނެއެވެ. ޢާއިލީ ގުޅުން ކެނޑިފައިވާނަމަ، ކައުންސިލިންގއާއި ސޯޝަލްވާރކަރުން މެދުވެރިކޮށް އެ ގުޅުން އިޞްލާޙުކުރަން މަސައްކަތްކުރަންޖެހޭނެއެވެ. އަދި ދަރިންގެ ގާތަށް ރުޖޫޢަވުމަކީ އެއްގޮތަކަށްވެސް ވާންނެތް ކަމެއް ނަމަ، ދައުލަތާއި މުޖުތަމަޢު ގުޅިގެން އޯގާތެރި އެހެން ހައްލެއް ހޯދައިދޭންޖެހޭނެއެވެ.

https://sun.mv/223506

އަޅުގަނޑުމެންގެ ޤައުމުގައި އެކި ކަހަލަ މުބާރާތްތަކަށާއި ހަފުލާތަކަށާއި މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރެވެއެވެ. އެހެންނަމަވެސް، ޢުމުރުން ދުވަސްވީ މީހަކަށް އެހީތެރިއަކު ހޯދައިދިނުމަށާއި ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނުވަތަ އިޖުތިމާޢީ އެހީތެރިއަކަށް ބޭނުންވާ ހިނދު، މުޅި ޤައުމު ފަގީރުވެ ބަނގުރޫޓުވެފައިވާ ފަދަ އިހުސާސެއް މިކުރެވެނީ ކީއްވެ ހެއްޔެވެ؟

މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. ރަޙުމާއި އޯގާތެރިކަން ހުރި މުޖުތަމަޢެއް ވަޒަންކުރެވެނީ އެތަނެއްގައި ބިނާކުރާ ބޮޑެތި ޢިމާރާތްތަކަކުން ނޫނެވެ. އަދި ފާހަގަކުރާ ކުލަގަދަ ޢީދުތަކަކުންނެއްވެސް ނޫނެވެ. އެކަން މިންކުރެވެނީ، އެ މުޖުތަމަޢެއްގައި ޢުމުރުން ދުވަސްވެ، ބަލިކަށިވެ، ނިކަމެތިވެ، އެކަނިވެރިވާ މީހުންނާމެދު ޢަމަލުކުރާ ގޮތަކުންނެވެ.

މިކަމުގައި މީޑިއާގެ ޒިންމާވެސް ވަރަށް ބޮޑެވެ. މައްސަލަތައް ހާމަކުރުމާއި މުއައްސަސާތައް ޒިންމާދާރު ކުރުވުމަކީ މީޑިއާގެ ޒިންމާއެކެވެ. އެހެންނަމަވެސް، ނާޒުކު ހާލަތްތަކުގައިވާ މީހުންގެ ޚަބަރުތައް ގެނެސްދޭންވާނީ އެމީހުންގެ ކަރާމާތް ގެއްލިގެން ނުދާނޭ ފަދަ ގޮތަކަށެވެ. ނޫސްތަކުގެ ސުރުޚީތައް ފަނޑުވެ، މީސްމީޑިއާގެ އަޑުތައް ކެނޑިގެންދާ ފަހުންވެސް، އެ އާއިލާއާއި އެމީހާގެ ޙަޔާތުގެ ބާކީ ދުވަސްތައް ވޭތުކުރަންޖެހޭނީ އެކުރެވުނު ތުހުމަތު ތަކުގެ ތެރޭގައި ކަމަށްވާތީއެވެ.

މިފަދަ ހައްސާސް އިޖުތިމާޢި ރައްކާތެރިކަމާ ގުޅުންހުރި ކަންކަމުގައި، އަޅުގަނޑުމެންގެ އެންމެ އިސް މަޤްޞަދަކަށް ވާންވީ ހަމައެކަނި އަދަބުދޭނެ މީހަކު ހޯދައި، އެއީ މައްސަލައިގެ ހައްލު ކަމުގައި ނިންމުމަކަށް ނޫނެވެ.

އަޅުގަނޑުމެންގެ ހަގީގީ އަމާޒަކަށް ވާންވީ ދައުލަތުގެ އިދާރާތަކާއި ކައުންސިލްތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ޢާއިލާތަކާއި އަދި މުޅި މުޖުތަމަޢު އެކުވެގެން ވަރުގަދަ ނިޒާމެއް ބިނާކުރުމެވެ. އެއީ، ނާޒުކުހާލަތުގައިވާ މީހަކު މުޖުތަމަޢުން ބާކީވެ އަނދަވަޅަކަށް ވެއްޓިގެންދާއިރު އެކަން "އެކަކަށްވެސް ނޭނގި" އޮތުމުގެ ބަދަލުގައި، އެންމެން ގުޅިގެން އަޅާލެވޭނެ ފަދަ ހަރުދަނާ ނިޒާމެކެވެ.

އަޅުގަނޑުމެން ރުކުރުވާލަންވީ، މީހަކު ޢުމުރުން ދުވަސްވުމުން އެއްލާނުލާނެ ފަދަ އޯގާތެރި މުޖުތަމަޢެކެވެ.

ދަތި ހާލުގައި އުޅޭ ޢާއިލާތަކަށް އެއްވެސް ލަދުވެތިކަމެއް ނެތި އެހީއަށް އެދެވޭނެ ވެއްޓެކެވެ. އަދި ކޮންމެ އިންސާނަކަށްމެ، ކޮންމެ ހާލަތެއްގައިވެސް ތިމާއާއި އަޅާލާނެ ބަޔަކު ތިބޭނެކަމުގެ އިހުސާސް ކުރެވޭނެ ދުވަހަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް