ޓެކްސީއަކަށް އަރަނީ އެމީހަކު ދާން ބޭނުންވާ ތަނަކަށް އަމާންކަމާއި، ހިތްހަމަޖެހުމާއި، އަދި ފަސޭހަކަމާއެކު ދެވޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް ބައެއް ދަތުރުތަކުގައި ދިމާވާ ބައެއް ކަންކަމުގެ ސަބަބުން ދަތުރުވެރިޔާގެ ހިތްހަމަނުޖެހުން އުފެދޭ ގޮތްވެއެވެ. އޭގެ ތެރޭގައި މަގުމަތީގެ ޓްރެފިކާމެދު ޑްރައިވަރު ނުތަނަވަސްކަން ފާޅުކުރުމާއި، އަޑުގަދަކޮށް ފޯނު ބޭނުންކުރުން ނުވަތަ ވީޑިއޯ ބެލުމާއި، އަދި ކަސްޓަމަރުގެ އެދުމަކާ ނުލައި ތަފާތު އިޖުތިމާޢީ، ސިޔާސީ ނުވަތަ އިޤްތިޞާދީ މައުޟޫޢުތަކަށް ދިގުކޮށް ވާހަކަދެއްކުން ހިމެނެއެވެ. ކަސްޓަމަރު އިޙްތިރާމާއެކު މަޑުން އިން ކަމުގައި ވިޔަސް، ބައެއް ފަހަރު މުޢާމަލާތްތައް މާ ދިގުވެގެންދެއެވެ.
މިފަދަ ކަންކަމުގެ ސަބަބުން، ދަތުރުގެ އަމާންކަމާއި އަރާމަށް އަސަރުކުރުމަކީ މާލޭ ސަރަހައްދުގައި ޓެކްސީ ބޭނުންކުރާ ބައެއް މީހުން ތަޖުރިބާކުރާ ކަމެކެވެ.
އާންމުގޮތެއްގައި ދަތުރުވެރިންނަކީ އެކުވެރި މާހައުލެއްގައި ވާހަކަދައްކާލަން ޝައުގުވެރިވާ ބައެކެވެ. ނަމަވެސް، ކަސްޓަމަރާއެކު މުޢާމަލާތުކުރުމުގައި އެކަށީގެންވާ އިންތަކެއް ހުރުމަކީ މުހިންމު ކަމެކެވެ. ކަސްޓަމަރު ފައިސާ ދައްކަނީ ދަތުރުފަތުރުގެ ޚިދުމަތަށެވެ. އެހެންކަމުން ދަތުރުގެ ވަގުތަކީ ދެފަރާތުގެ ވެސް އިޙްސާސްތަކަށާއި އިންތަކަށް އިޙްތިރާމްކުރެވޭ، ހިމޭން އަދި އަރާމު ވަގުތަކަށް ވުން އެދެވިގެންވެއެވެ.
ކާރަކީ ޑްރައިވަރުގެ އަމިއްލަ އެއްޗެއް ކަމުގައިވީނަމަވެސް، ކަސްޓަމަރު ފައިސާދައްކަނީ ރައްކާތެރިކަމާއި، އެކަށީގެންވާ އަރާމާއި، އަދި އިޙްތިރާމާއެކު މުއާމަލާތްކުރެވޭނެކަމުގެ ޙައްޤު ލިބިގަތުމަށެވެ. އަޑުގަދަކޮށް ލަވަޖެހުމާއި، ޒާތީ ސުވާލުތައް ކުރުމާއި، އަދި ބޭކާރު ގޮތުގައި ފޯނު ބޭނުންކުރުން މަދުކުރުމަކީ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަންކަމެވެ.
ޑްރައިވަރުންނަށް ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތައް
ޓެކްސީ ދުއްވުމަކީ ޑްރައިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިކުރުވާ ވަޒީފާއެކެވެ. ދެހާހަށްވުރެ ގިނަ ޓެކްސީ ޑްރައިވަރުން ބައިވެރިވި އެގާރަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ފަހުގެ ސިސްޓެމެޓިކް ރިވިއުއަކުން ދައްކާގޮތުގައި، ތަފާތު އެކި ޤައުމުތަކުގައި އުޅޭ ޑްރައިވަރުންގެ މެދުގައި ކަންބޮޑުވާންޖެހޭ މިންވަރަކަށް އެންޒައިޓީއާއި ޑިޕްރެޝަން އަދި ސްޓްރެސް ހުރިކަން ފާހަގަކުރެވިފައިވެއެވެ (މާރިން-ބާޖެސް އެޓް އަލް.، 2025).
މި ރިވިއުއިން ދައްކާގޮތުގައި ނަފްސާނީ ދުޅަހެޔޮކަން ދަށްވުމަށް މަގުފަހި ކުރާ ސަބަބުތަކުގެ ތެރޭގައި، އެކަށީގެންވާ ނިދި ނުލިބުން ނުވަތަ ނިދުމުގެ އާދަތަކަށް ބުރޫއެރުމާއި، މަސައްކަތުގެ މާހައުލު އުނދަގޫވުން ހިމެނެއެވެ. ހަމައެއާއެކު، އަމިއްލަ ދިރިއުޅުމުގެ ސްޓްރެސް ބޮޑުވުމާއި، މަސައްކަތާއި ޢާއިލީ ކަންކަމާ ދެމެދުގައި އުފެދޭ ނުތަނަވަސްކަމަކީ ވެސް ނަފްސާނީ ނޭދެވޭ އަސަރުތައް ފޯރާ ކަންކަން ކަމުގައި މި ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
މާލެއަކީ ޑްރައިވަރުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިކުރުވާ މަގުމަތީގެ މާހައުލެއް އޮތް ތަނެކެވެ. އެގޮތުން މަގުތައް ހަނިވުމާއި، ޓްރެފިކް ބޮޑުވުމާއި، ޕާކުކުރުމުގެ ދަތިކަމާއި، ވެހިކަލް މާގިނައިން މަޑުކޮށް ދުއްވަންޖެހުމުގެ އިތުރުން، މަގު ބޭނުންކުރާ އެހެން މީހުންގެ ހަރަކާތްތަކަށް އަބަދު ވެސް ސަމާލުވެގެން ތިބެންޖެހުން ހިމެނެއެވެ.
އެހެން ގައުމުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ފާހަގަކޮށްފައިވާގޮތުގައި، ޓްރެފިކް ތޮއްޖެހޭ ހާލަތްތަކުގައި ޑްރައިވަރުން ނަފްސާނީ ގޮތުން އުފުލަންޖެހޭ ބުރަ ބޮޑެވެ. ހެނެސީ އަދި ވީސެންތާލް (1999) ކުރެއްވި ދިރާސާއިން ދައްކާގޮތުގައި، ޓްރެފިކް ކުޑަ ހާލަތްތަކާ އަޅާބަލާއިރު، ޓްރެފިކް ތޮއްޖެހުން ބޮޑު ހާލަތްތަކުގައި ޑްރައިވަރުންނަށް ކުރިމަތިވާ ސްޓްރެސް ބޮޑުވެއެވެ. ޑްރައިވަރުންނަށް ކުރިމަތިވާ މިފަދަ ސްޓްރެސްއާއި ނަފްސާނީ ފިއްތުންތަކުގެ ސަބަބުން، ބައެއް ޙާލަތްތަކުގައި ކަސްޓަމަރާ މުޢާމަލާތްކުރާ ގޮތަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ކަސްޓަމަރުންގެ ފަރާތުން ދިމާވާ ގޮންޖެހުންތައް
ޚިދުމަތުގެ ފެންވަރާމެދު ވާހަކަދެކެވޭއިރު، ކަސްޓަމަރުންގެ ފަރާތުން ޑްރައިވަރުންނަށް ކުރިމަތިވާ ނުތަނަވަސްކަންކަމަށް ވެސް ރިއާޔަތްކުރަންޖެހެއެވެ. އޭގެ ތެރޭގައި، ޓެކްސީއަށް އޯޑަރުކުރުމަށްފަހު ގަޑިއަށް ނުނިކުމެ މާގިނައިރު އިންތިޒާރުކުރުވުމާއި، ކާރު ތެރެ ހަޑިވާ ފަދަ ކަންކަން ކުރުމާއި، އެކަށީގެންނުވާ އިޙްތިރާމްކުޑަ ބަހުރުވައިން މުޢާމަލާތްކުރުން ހިމެނެއެވެ. އަދި ބައެއް ފަހަރު ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ވާ ލަސްވުންތަކަށް ޑްރައިވަރު ކުށްވެރިކޮށް، ގަވާއިދާ ހިލާފަށް ދުއްވުމަށް ބާރުއެޅުމަކީ ވެސް ޑްރައިވަރުންގެ ސްޓްރެސް އިތުރުވެ، ދެފަރާތުގެ މެދުގައި ނުތަނަވަސްކަން އުފެދޭ ކަންކަމެވެ.
ރަނގަޅު ޓެކްސީ ޚިދުމަތަކަށް ޓަކައި ކުރެވިދާނެ ކަންކަން
ޚިދުމަތުގެ ފެންވަރު މަތިކޮށް، ދެފަރާތުގެ މެދުގައި އޮންނަ މުޢާމަލާތްތައް ހަރުދަނާކުރުމަށް ޓަކައި ކުރެވިދާނެ ބޭނުންތެރި ކަންތައްތަކެއް އެބަހުއްޓެވެ. މީގެތެރެއިން ބައެއް ކަންކަން ތިރީގައި އެވަނީއެވެ.
ޕްރޮފެޝަނަލް ތަމްރީނު ދިނުން: ރާއްޖޭގައި ޓެކްސީ ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ތެރޭގައި، ކަސްޓަމަރ ސާވިސްއާއި ޕްރޮފެޝަނަލް އަދަބުތައް ދަސްކޮށްދޭ ކުރު މޮޑިއުލެއް ހިމެނިދާނެއެވެ. ދުބާއީ، ލަންޑަން އަދި ނިއުޔޯކް ފަދަ ސިޓީތަކުގައި ޓެކްސީ ޑްރައިވަރުން މިފަދަ ތަމްރީނުތައް ފުރިހަމަކުރެއެވެ.
އިޖުތިމާޢީ އިޝާރާތްތައް (Social Cues) ދެނެގަތުން: ކަސްޓަމަރުންނަށް އިޙްތިރާމްކުރުމާއި، އަދަބުވެރިކޮށް ވާހަކަދެއްކުމުގެ އިތުރުން ކަސްޓަމަރުގެ އިހުސާސް ދައްކުވައިދޭ އިޝާރާތްތައް ދެނެގަންނާނެ ގޮތް ދަސްކޮށްދިނުން މުހިންމެވެ. މިސާލަކަށް، ކަސްޓަމަރަކު ކުރުކޮށް ޖަވާބުދިނުން ނުވަތަ ބޭރު ބަލަންއިންނަމަ، އޭގެ މާނައަކީ އޭނާ ބޭނުންވަނީ ހިމޭން ދަތުރެކެވެ.
ޓެކްނޮލޮޖީގެ އެހީ: ޓެކްސީ އެޕްލިކޭޝަންތަކުގެ ރޭޓިންގ ސިސްޓަމްތައް މެދުވެރިކޮށް، ދުއްވުމުގެ ރައްކާތެރިކަމާއި މުޢާމަލާތުގެ އަދަބުވެރިކަން ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެއްސިދާނެއެވެ. ރާއްޖޭގައި ވެސް މިހާރު ޓެކްސީ އެޕްލިކޭޝަންތައް ބޭނުންކުރަމުންދާތީ މިއީ ފަސޭހަކަމާއެކު ކުރެވިދާނެކަމެކެވެ.
އެއްވެސް އޮޅުމެއްނެތް ގޮތުގައި، ޓެކްސީ ޑްރައިވަރުންނަކީ މުޖުތަމަޢަށް ބޭނުންވާ އަގުހުރި ޚިދުމަތެއް ދޭ މުހިންމު ބައެކެވެ. ތަޢުލީމީ އަދި ޞިއްޙީ ނިޒާމާއި އާންމު ޚިދުމަތްތައް ފަސޭހަކަމާއެކު ހިންގުމުގައި، ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ މީހުންގެ ބައިވެރިވުން އިންތިހާއަށް ބޮޑެވެ. އެއީ މަގުމަތީގެ ތޮއްޖެހުމާއި، ގިނައިރުވަންދެން މަސައްކަތްކުރުމުގެ ބުރަ އުފުލަމުންދާ ބަޔެކެވެ.
ހަޤީޤަތުގައި ރަނގަޅު ޓެކްސީ ދަތުރަކަށް މާ ގިނަ ކަންތައްތަކެއް ބޭނުމެއްނުވެއެވެ. ކަސްޓަމަރުން އެދެނީ ރައްކާތެރިކަމާއެކު ދުއްވުމާއި، ޒާތީ މިނިވަންކަމަށް އިޙްތިރާމްކުރުމާއި، އަދި ޤަދަރާއެކު މުޢާމަލާތްކުރެވޭނެ އަމާން މާހައުލެކެވެ.
ރިފަރެންސް
● Hennessy, D. A., & Wiesenthal, D. L. (1999). Traffic congestion, driver stress, and driver aggression. Aggressive Behavior, 25(6), 409–423.
● Marín-Berges, M., Villa-Berges, E., Lizana, P. A., Gómez-Bruton, A., & Iguacel, I. (2025). Depression, anxiety and stress in taxi drivers: A systematic review of the literature. International Archives of Occupational and Environmental Health, 98, 135–154.